އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ މިރަށުގެ ތިމާވެށި ދަނީ ހަލުވިމިނެއްގާ ހަލާކުވެ ތަޣައްޔަރު ވަމުންނެވެ. މޫދަށާ އަތިރި މައްޗަށް ނެޕީ އާ ޕުލާސްޓިކު ކޮތަޅާ ދަޅުފަދަ ތަކެތި އިންތިހާ އަށް ގެންދަނީ އުކަމުންނެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ ވެށި މިދަނީ ހަލާކު ކުރަމުންނެވެ. މި ކަމުގެ ޒިންމާ އަޅުގަނޑުމެންގެ ބޮލުގައި މުސްތަގުބަލުގައި އަޅުވާނީ ޚުދު އަޅުގަނޑުމެންގެ ދަރިންނެވެ. އެދަރިންގެ މުސްތަގުބަލަށް މިރަށުގެ ރީތި އަތިރިމަތި ހިމާޔަތް ކުރަމާތޯއެވެ. މޫދަށް ބޮޑެތި ގޯންޏާ ކޮތަޅު ކޮތަޅުގެ ކުނި އުކާލުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލައްވާށެވެ. މޫދަށާއި އަތިރި މައްޗަކީ ކުނި ގޮނޑުތަކަކަށް ނަހައްދަވާށެވެ.
އަޅުގަނޑުމެން (ތޮއްޑޫ ސުކޫލްގެ ތިމާވެށި ކުލަބު) ގެ ފަރާތުން އިސްނަގައިގެން ސުކޫލުގެ ގުރޭޑް ހަޔަކުން މަތީގެ ހުރިހާ ދަރިވަރުންނާއި ސުކޫލުގެ އެންމެހާ މުވައްޒަފުން ގުޅިގެން މިމަހުގެ ސޯޅަ ވަނަ ދުވަހު ވާނީ ރަށުގެ އަތިރިމަތީގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައެވެ. މި ޕްރޮގުރާމްގައި ހަތަރު ޕިކަޕުގެ ޕްލާސްޓިކު ކޮތަޅާ ފުޅި އަދި ދަޅުފަދަ ތަކެތި ވާނީ އަތިރި މައްޗާ ހޭޅިފަށުން ނަގާ ސާފުކުރެވިފައެވެ.
މާހެފުމަށް ދާ ފަރާތް ތަކަށް ކުރިއާ ޚިލާފަށް މިފަހަރު ހޭޅިން ނާ އަތިރި މަތިން ހިތް ހަމަޖެހޭފަދަ މަންޒަރެއް ފެނިގެންދާނެއެވެ. ނަމަވެސް މިކަން މިގޮތަށް ކުރެވޭނީ ތިޔަ އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. މާހެފުމަށް ދާފަރާތް ތަކުން މިކަމަށް ބޮޑު ސަމާލުކަމެއް ދީގެން އަތިރިމަތި ސާފުކޮށް ރީތި ކޮށް ބޭއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އެނބުރި ވަޑައިގަންނަވާއިރު އަތިރި މައްޗަށާ ހޭޅިއަށް ދަޅު، ފުޅި އަދި ޕްލާސްޓިކު ކޮތަޅު ދޫނުކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ހަމަ މިގޮތަށް ހޭޅިން އިތުރު މަގުތައް ހެދުމުގެ ބޭނުމުގައި އެއްވެސް ހާލެއްގައި ގަސްކަނޑާ ނުހެދުމަށް ނަސޭހަތް ތެރިވަމެވެ.
No comments:
Post a Comment